ސަރުކާރުގެ އިނިސްޓިޓިއުޓެއްގެ ގޮތުގައި މިފެކަލްޓީ އުފެއްދެވީ 11 އޮގަސްޓް 1999 ގައި އެވެ. ފެކަލްޓީ އޮފް ޝަރިީޢާ އެންޑް ލޯގެ ނަމަށް ބަދަލުކުރެވިފައި ވަނީ 1 ފެބުރުއަރީ 2001 ގައި އެވެ. ފެކަލްޓީގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ މީހުން ތަމްރީނުކުރުމެވެ. އަދި ބޭނުންވާ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާމީހުންގެ ޤާބިލްކަން އިތުރުކުރުމެވެ.
އެއަށްފަހު ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެއްކޮށްލުމަށްފަހު 1 ޖަނަވަރީ 2018 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދިޔައީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ގެ ނަމުގައެވެ. އެގޮތުގައި ދެ އަހަރު ދުވަހަށްވުރެއް ގިނަ ދުވަސް ހޭދަކުރުމަށްފަހު އަނެއްކާވެސް ފެކަލްޓީގެ ނަން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ނަމަށް 7 އޮކްޓޯބަރ 2020 ގައި ވަނީ ބަދަލު ކުރެވިފައެވެ.
މިހާރު ފެކަލްޓީ އޮފް ޝަރިޢާ އެންޑް ލޯ އަކީ، ޝަރީޢާ އެންޑް ލޯގެ ކޯސްތަކާއި، އިސްލާމިކް ސްޓަޑީޒް ގެ އެކި ދާއިރާތަކުގެ ކޯސްތައް ހިންގުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކަނޑައަޅުއްވާފައިވާ ފެކަލްޓީ އެވެ. މިފެކަލްޓީ އެކުލެވިގެންވަނީ ޖުމުލަ 3 ޑިޕާޓްމަންޓް ގެ މައްޗަށެވެ. މި ފެކަލްޓީގައި ކިޔަވައި ދެއްވަނީ މިފެކަލްޓީއަށް ޚާއްސަ ދާއިރާތަކުން ތަޖްރިބާ ލިބިވަޑައިގަންނަވާފައިވާ ޤާާބިލް ބޭފުޅުންނެވެ.
ފެކަލްޓީގެ ހިންގުން ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އެކަޑަމިކް ހިންގުމާއި،އިދާރީ ހިންގުމެވެ. ފެކަލްޓީ ހިންގުމުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ކަނޑަ އަޅުއްވާފައިވަނީ ފެކަލްޓީގެ ޑީން އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެވެ.