الحمد لله رب العالمين، اللهم صل وسلم وبارك على نبينا محمد، وعلى آله وصحبه أجمعين.، وبعد!
އިސްލާމް ދީނަކީ އުނގެނުމަށް އަހައްމިއްޔަތުކަން ދީފައިވާ ދީނެކެވެ. މުސްލިމުން ކުރި އަރައިގެން ދިޔަ އެއްސަބަބަކީ ވެސް މިއީއެވެ.
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަކީ ދީނުގެ ޢިލްމާއި ދުންޔަވީ ޢިލްމުގެ މައްޗަށް އެކުލެވިފައިވާ ފެކަލްޓީއެކެވެ. މިތަނުގައި ކިޔަވާ ދަރިވަރުންގެ ކިބައިން އެއިގެ އަޘަރު އެބަހީ ދީންވެރިކަމާއި ރިވެތި އަޚުލާޤުގެ އަޘަރު ފެނިގެން ދިއުމަކީ ފެކަލްޓީގެ މުހިއްމު އެއް މަޤުޞަދެވެ. ޢިލްމަކީ އެއިގެ ސަބަބުން އިންސާނާގެ ދަރަޖަ މަތިވެރިކޮށްދޭ އެއްޗެކެވެ. އަލްޢަންޢާމު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ” وَتِلْكَ حُجَّتُنَآ ءَاتَيْنَهَآ إِبْرَهِيمَ عَلَى قَوْمِهِ نَرْفَعُ دَرَجَتٍ مَّن نَّشَآءُ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ” އިބްރާހީމުގެފާނު، އެކަލޭގެފާނުންގެ ޤަވްމުގެ މީހުންގެ ޢަޤީދާއާ ދެކޮޅަށް ދެއްކެވި ޙުއްޖަތްތަކަކީތިމަންރަސްކަލާނގެ (ޙަޟްރަތުން އައި)ޙުއްޖަތްތަކެކެވެ. އެ ޙުއްޖަތްތައްތިމަންރަސްކަލާނގެ އިބްރާހީމުގެފާނަށް ދެއްވީއެކަލޭގެފާނުގެ ޤަވްމުގެ މީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބައެއްގެދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
އަދި ޔޫސުފު ސޫރަތުގައި ވެސް މިފަދަ ގޮތަކަށް އައިސްފައި ވެއެވެ. ” فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ اسْتَخْرَجَهَا مِن وِعَآءِ أَخِيهِ كَذَلِكَ كِدْنَالِيُوسُفَ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ الْمَلِكِ إِلاَّ أَن يَشَآءَ اللَّهُ نَرْفَعُ دَرَجَتٍ مَّن نَّشَآءُ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ ” ފަހެ ޔޫސުފުގެފާނު، އެކަލޭގެފާނުގެ ކޮށްކޯފުޅުގެ ތަކެތި ޗެކުކުރެއްވުމުގެ ކުރިން، އެއުރެންގެ ތަކެތި ޗެކުކުރަށްވަން ފެށްޓެވިއެވެ. ދެން އެކަލޭގެފާނު (އެބަހީ ޔޫސުފުގެފާނު)،އެކަލޭގެފާނުގެ ކޮށްކޯފުޅުގެ ތަކެތި ޗެކުކުރެއްވުމުން ކޮށްކޯފުޅުގެ ތަކެތީގެ ތެރެއިން، އެ މިނާތަށިކޮޅު ފެނުނެވެ. އެގޮތަށް ޔޫސުފުގެފާނަށްޓަކައި، ތިމަންރަސްކަލާނގެ (އެކަންތައް) ރޭއްވެވީމެވެ.ނުވަތަ އެކަން އެގޮތަށް ކުރެއްވުމަށް ޔޫސުފުގެފާނަށް އުނގަންނަވައިދެއްވީ ތިމަން ރަސްކަލާނގެއެވެ.اللَّه އިރާދަފުޅާނުލައި މިޞްރުގެ ރަސްގެފާނުގެ ޤާނޫނުގައިވާގޮތުން ޔޫސުފުގެފާނަށް އެކަލޭގެފާނުންގެ،އަޚު ނުގެންދެވުނީހެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. އަދި ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ.”
އިސްވެ ބަޔާންކުރެވުނު ދެއާޔަތް ވެސް ގުޅުވައިލައްވާފައި ވަނީ ހަމަ ޢިލްމާއެވެ.
އަދި އަލްމުޖާދަލާ ސޫރަތުގައި ވަރަށް ވާޟިޙުކޮށް އައިސްފައި ވެއެވެ. “ يَرْفَعِ اللَّهُ الَّذِينَ آمَنُواْ مِنكُمْ وَالَّذِينَ أُوتُواْ الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ” ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި،ޢިލްމުލިބިގެންވާ މީހުން اللَّهދަރަޖަތަކަކަށް އުފުއްލަވަތެވެ. اللَّهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
ވީމާ މިފެކަލްޓީގެ ދަރިވަރުން ވާންޖެހޭނީ މިމަތިވެރި ދަރަޖަ ހިފަހައްޓާ ދަރިވަރުންތަކެއްގެ ގޮތުގައެވެ. ދަރިވަރުންނަށް ކުރާ ވަޞިއްޔަތަކީ ތިޔަ ދަރިވަރުން، މުޢާމަލާތު ކުރާ މީހަކީ އެކުވެރި އެއްކަމުގައި ވިޔަސް އަދި އެނޫން މީހަކުކަމުގައި ވިޔަސް މުޢާމަލާތު ކުރާ އިރު އަޚުލާޤު ރިވެތި ބައެއްކަމުގައި ވުމަށާއި ބަހުރުވަ ރިވެތި ބައެއް ކަމުގައި ވުމަށެވެ. އަދި ޢަދުލު އިންޞާފުގެ މަތިވެރި އުޞޫލު ހިފެހެއްޓުމަށެވެ.
” إِنْ أُرِيدُ إِلَّا الْأِصْلاحَ مَا اسْتَطَعْتُ وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ “