ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި އަލަށް ގުޅުނު ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން މި އަހަރުގެ 2 ވަނަ ސެމެސްޓަރގެ ކިޔެވުން ފެށުމުގެ ކުރިން، ދަރިވަރުން ޔުނިވަރސިޓީގެ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ “އޮރިއެންޓޭޝަން” 10 އޮގަސްޓް 2022 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ވަނީ ބާއްވާފައެވެ. ބީ ބްލޮކް އޮޑިޓޯރިއަމްގައި ކުރިއަށްގެންދެވުނު މި އޮރިއެންޓޭޝަނަކީ ދެގޮތަކަށް ގެންދެވުނު އޮރިއަންޓޭޝަނެކެވެ. އެއީ ހާޒިރުވެގެންނާއި ގޫގަލް މީޓް މެދުވެރިކޮށެވެ.
މި އޮރިއެންޓޭޝަނުގައި ވަނީ ދަރިވަރުންނަށް ބޭނުންވާ މުޙިއްމު މާޢުލޫމާތުތައް ފޯރުކޮށްދީފައެވެ. އެގޮތުން ޔުނިވަރސިޓީން ދަރިވަރުނަށް ލިބޭނެ ތަފާތު ޚިދުމަތްތަކުގެ މަޢުލޫމާތާއި، ދަރިވަރުން އެކި އެކި ކަންމަމާއި ގުޅިގެން ޢަމަލު ކުރަންޖެހޭ ގޮތް ތަކާއި ބެހޭ މަޢުލޫމާތެވެ. މިގޮތުން މަޢޫލޫމާތު ދެއްވީ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒް ގެ އެޗް.އޯ.ޑީ އައްޝައިޚް ނިމާލް މުޙައްމަދާއި ލޯ ޑިޕާޓްމަންޓުގެ އެޗް.އޯ.ޑީ އަލްއުސްތާޛާ ފާތިމަތު ވަޙީދާ އެވެ. މީގެ އިތުރުން ފެކަލްޓީގެ ޑީން އެސިސްޓެންޓް ޕްރޮފެސަރ ޑރ ޢަބްދުސައްތާރު ޢަބްދުއްރަޙްމާން ވަނީ ތަޢުލީމު ހާސިލިކުރުމާއި ގިނަގިނައިން ފޮތް ކިޔުމުގެ މައްޗަށް ވަރަށް އަގުހުރި ނަސޭހަތްކޮޅެއްވެސް ދަރިވަރުންނަށް ދެއްވާފައެވެ. މި ސެޝަނުގައި ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ކުރިއަށްގެންދާ ތަފާތު ކަންކަމާ ބެހޭ މައުލޫމާތު ދިނުންވެސް އޮތެވެ. މި މަޢުލޫމާތު ދަރިވަރުންނާ ހިއްސާ ކޮށްދެއްވީ ދަރިވަރުންގެ ޔޫނިއަންގެ އެފް.އެސް.އެލް ގެ ގޮފި ކަމުގައިވާ އެސް.އެސް.އެލްގެ ނާއިބް ރައީސް އެވެ.